ފަސް އަހަރު ނިމޭއިރު އާމްދަނީ ހަތް ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ޕްލޭންތަކެއް އެބަހުރި ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އާމްދަނީ ހަތް ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ޕްލޭންތަކެއް އެބަހުރިކަމަށާއި އަހަރެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުވެސް ހަތަރު މިލިއަންނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ކަމަށް ވާއިރު ވަޒީރު ވިދާޅުވީ ޗައިނާ އަދި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ވަޒީރު ވިދާޅުވީ ޗައިނާ މާކެޓުން ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކޮށްފައިވާކަމަށާއި މިހާރު އަމާޒަކީ ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗައިނާ މާކެޓުން ގެނެސް 2019 ވަނަ އަހަރުގެ ރެކޯޑް މުގުރާލުންކަމަށެވެ.

2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ޗައިނާއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރުކަން ފާހަގަ ކުރެވެއެވެ.

މި އަހަރު ފެށުނުއިރު އަވަށްޓެރި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް މިހާރު މި މާކެޓްވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން