ޒަހީނުއްދީން ސަޢީދު   6 އޮކްޓޯބަރު 2024 - 13:17
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހިނގާ އޮކްޓޯބަރުމަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ރައީސް މުޢިއްޒު ވަޑައިގެން ވިޔަފާރީގެ މަޝްވަރާތަކުގައި ބައިވެރިވެވަޑަަގަންނަވާނެއެެވެ. ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގަތް، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާޏްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން މިދަތުރުފުޅުގައި ބައިވެރިވެވަޑަައިގަންނަވައެެވެ. ރައީސްގެ އިންޑިޔާގެ ދަތުރުފުޅަށް ބައިނަލްއަގުއާމީ މީޑިޔާތަކުގެ ސަމާލު ކަން ވަނީ ލިބިފައެވެ. ރައީސް އަށް މަރުހަބާ ދެންނެވުމަށް އިންޑިޔާގެ ވެރިރަށް ނިއުދިއްލީ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން