ޒަހީނުއްދީން ސަޢީދު   6 އޮކްޓޯބަރު 2024 - 18:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރަތަަމަ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި، އިންޑިޔާގެ ޚާރިޖީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއެކު މިރޭގެ ވަގުތެއްގައި ބައްދަލުކުރެއްވިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ދިއްލީގައި ރައީސް މުޢިއްޒު ހުންނަވާ ހޮޓަލުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި އިސްކަންދެވޭ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، މިރޭގެ ވަގުތެއްގައި ދިއްލީގައި ދިރިއުޅުއްވާ ދިވެހިންނާއެކު ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުޢިއްޒުގެ ދެކަނބަލުން އިންޑިޔާގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އިންޑިޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި އެންމެ މުހިންމު ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް އިންޑިޔާއިން އެހީތެރިވެދެއްވާނެ ކަމަށް ރައީސް މުޢިއްޒު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިންޑިޔާގެ ފަރާތުން ރަސްމީކޮށް ރައީސަށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާއެވެ. މިގޮތުން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރެއްވުން ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން