ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތައް ބަލައިގަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހާރު އިންޑިއާއަށް ކުރަށްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ މިރޭ ވަނީ ބައްދަލުކުރަށްވާފައެެވެ. އެބައްދަލުވުމާއި ގުޅޭގޮތުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަަރު ޖައިޝަންކަރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ރައީސް މުޢިއްޒު ދެއްވާ އެއްބާރުލުން ބަލައިގަންނަ ކަމަށެވެ.



އަދި މާދަމާ އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސާއެކު ބާއްވަވާ މަޝްވަރާތަކުގައި މި ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އެ ބައްދަލުުވުމުގައި ޖައިޝަންކަރު ވަނީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނީ ޖައިޝަންކަރާއެކު ބޭއްވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި އިސްކަންދެވޭ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ. އިންޑިޔާ އަށް ރައީސް މުޢިއްޒު ވަޑައިގަތީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ.

ރައީސް މުޢިއްޒު މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން