ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ކުޑަވެސް ސަބަބެއް ފެންނަން ނެތް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އައްބާސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ކުޑަވެސް ސަބަބެއް އަދި ފެންނަން ނެތް ކަމަށެވެ. އަދި 25 ރަށަށް ވަޑަައިގެންނެވި ކަމަށާއި މި ސަރުކާރު ރަނގަޅޭ ބުނި އެކަކާއި ވެސް ދިމާނުވާ ކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ މިހާ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ވެރިކަމެއް އޭނާ ދެކިވަޑައިގެންފައިނުވާ ކަމަށެވެ.

"މިހާ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ވެރިކަމެއް ފާއިތުވި 17 އަހަރު ނުދެކެން. ފަށާފައި ހުއްޓިފައި ހުރި ޕްރޮޖެކްޓެއް ހުރީ ހުއްޓިފަ. އަލުން އާ ކަމެއް ނުކުރެވޭތަނުގައި ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކުޑަކުރުމުގެ ސަބަބުން އާއިލާތައް މިވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފައި،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ހަމަޔަކަށް އެޅި، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވުން ކަމަށެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކާއެކު ރައްޔިތުންގެ ހެވާއި ލާބައަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް އައްބާސް ސަރުކާރަށާއި ރައީސް މުޢިއްޒަށް ފާޑުވިދާޅުވަމުން ގެންދަވަނީ އޭނާގެ ދަރިފުޅު ހިމެނޭ ގޮތަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސް އޮފިޝަލުންތަކެއް މަގާމުން ވަކިކުރިފަހުން ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން