2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހައިދަރްއާބާދް ހައުސްގައި ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުމުގަަައެވެ. މި މަތީ ފަންތީގެ ވާހަކަފުޅުތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

މި ވާހަކަފުޅުތަކުގައި ބޮޑުވަޒީރު މޯދީ ވަނީ، މި އަހަރުގެ ޖޫން މަހު، އެމަނިކުފާނު ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރައްވާފައެވެ. އިންޑިއާގެ "ނޭބަހުޑް ފަރސްޓް" ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް އެމަނިކުފާނު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.



ޖަވާބުގައި ރައީސް މުޢިއްޒު ވަނީ، ޖޫންމަހު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ދެއްވި އެއްބާރުލެއްވުމާއި ދެއްކެވި އެކުވެރިކަމުގެ ހަނދާންތައް އާކުރައްވާފައެވެ. ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވާފައިވާކަންވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ ވަނީ، އިންޑިއާއަކީ ދިވެހިރާއްޖެއަށް އެހީވުމުގައި ފުރަތަމަ އިސްނަގާ ޤައުމުގެ ގޮތުގައި ފާހަގަކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް މޯދީ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީއަށް މަޢުލޫމާތު ދެއްވާފައެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަމާއި، ވިޔަފާރި ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގައި އެއްބާރުލުން ދިނުމަށް، އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެކަމަށެވެ. ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި ވަނީ، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ފަންނިއްޔާތާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ސަރަހައްދީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށްވެސް އިޝާރާތްކުރައްވާފައެވެ.

މި ވާހަކަފުޅުތަކުގައި ދެ ފަރާތުންވެސް ވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކޮށް، އެކުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރަން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެން، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސިއްޙީ ދާއިރާ އާއި، އަންހެނުން ބާރުވެރިކުރުމާއި، އިޔާދަކުރަނިވި ހަކަތަ އާއި، މެރިޓައިމް ދާއިރާއިން އެއްބާރުލުންދީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާމެދު ދެ ޤައުމުގެ ލީޑަރުން  މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގެ ކުރީން ދެ ޤައުމުގެ އިސްވެރިންގެ މުހިންމު ވަކި ބައްދަލުވުމެއްވެސް ވަނީ ބާއްވަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން