މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ހެދި 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފަައިސާގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވީ، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ހެދި 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމާއެކު ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަަމަށެވެ. ޚަލީލް ވިދާޅުވީ އެ އެއްބަސްވުމާއެކު ދެގައުމުގެ ފަައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ކަަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށެވެ. އަދި އިންޑިޔާ އެކު ރައީސް މުޢިއްޒު ބޭއްވި ވާހަކަތަކުގައި އިންޑިޔާ އާއެކު ވިޔަފާރި އަށް ފަހި ކުރުމަށް ފްރީ ޓްރޭޑް އެގްރިމެންޓެއް އެކުލަވާލުމަށް މަޝްވަރާކުރެވުނު ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ރާއްޖެ އަށް މިހާރު އިގްތިސާދީ ގޮތުން އައި ކަންތައްތަކަށް ބަލާއިރު މި ޚުތޫރަތްތެރި ވަގުތުގައި ހަގީގަތުގައި އިންޑިޔާގެ މިއެހީތެރިކަން ވެގެންދާނެ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް، ވިޔަފާރިވެރިންނަށް ދެގައުމުގެ ދޭތެރޭގައި ވިޔަފާރިކުރަން ލިބޭ ފަސޭހަވުމަށް، ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ،" ޚަލީލް ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާއާއެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިވެގެން 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްއާއި ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭގޮތަށް ވަނީ ހަމަޖައްސާފަައެެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމަށްފަހު އިއްވެވި ބަޔާނުގައި ރަައީސް މުޢިއްޒު ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމި ކަމަށްޓަކައި މޯދީ އަށް ޝުކުރު އަދާކުރައްވައިފައެވެ.

"ޚާއްސަކޮށް މިހާރު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ދެއްވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ އެހީ އާއި 400 މިލިއަން އެމެރިކާ ޑޮލަރުގެ ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމަކީ ވަރަށް މުހިންމު އެހީތެރިކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން