ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗަށް ނޭދެވޭ އަސަރު ކުރާ ކަންތައްތައް ކުރާ މައްސަލަ އިތުރުވަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުން ރާއްޖޭގެ މާހައުލުން ފެންނަ މުހިންމު ދިރުންތަކެއް ރައްކާތެރިކޮށް ގާނޫނީ ގޮތުން ހިމާޔަތް ދީފައިވާ ކަމަށެވެ.

ހިމާޔަތް ދީފައިވާ ދިރުންތަކުގެ ތެރޭގައި ރާއްޖޭގައި އުޅޭ ފަސް ބާވަތެއްގެ ވެލާ ކަހަނބާއި އެއް ބާވަތުގެ މަޑި ހިމެނެއެވެ. އަދި ރާއްޖޭގެ ފަރުތަކާއި ކަނޑުތަކުގެ މުހިއްމުކަމާއި މުއްސަނދިކަން އެންމެބޮޑަށް ދޭހަ ކޮށްދޭ އެއް ދިރުން ކަމަށްވާ ފެހުރިހިވެސް ވަނީ އެ ގަވައިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކުގެ ލިސްޓަށް އިތުރުކޮށްފައެވެ.

އެ ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލަށް މުހިންމު ފައިދާތަކެއް ފޯރުކޮށްދޭ ދިރުންތަކެއް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އަދި އެއީ ދިވެހިންގެ އުޅުމާއި ސަގާފަތާއި އިގްތިސާދާ ވަރަށް ވެސް ބޮޑަށް ގުޅިލާމެހިފައިވާ މުހިންމު ދިރުންތަކެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީ އާމްދަނީގެ ބޮޑު އިންސައްތައެއް އުފައްދާ، އެކަމަށް އެތައްހާސް ދިވެހިންގެ ވަޒީފާއާއި އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

”މި ގަވައިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކަކީ ފަތުރުވެރިކަމުގެ މުހިންމު ދައުރެއް އަދާކުރާ ރާއްޖޭގައި ފަހަކަށް އައިސް ކުރިއަރާފައިވާ ނޭޗާ ޓުއަރިޒަމްގެ ފަހަތުގައި މައިގަނޑު އެއް ސަބަބު. ރާއްޖެއިން އެފަދަ ތަފާތު ވައްތަރުގެ ދިރުންތައް ފެންނަމުން ދިއުމަކީ ތަކުރާރުކޮށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އެއް ސަބަބު."، އީޕީއޭއިން ބުނެފައިވެއެވެ.

އީޕީއޭއިން އިން ބުނީ އައިންމަތީ ދޫނިތަކަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމަށް މުހިންމު ދައުރެއް އަދާކުރާ ދިރުންތަކެއް ކަމަށެވެ. އެސޮރުމެންނާއި އަދި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެހެން ދިރުންތަކަކީ ރާއްޖޭގެ މާހައުލު ދެމެހެއްޓުމުގައި ގިނަގުނަ ތަފާތު ގުދުރަތީ ހިދުމްތައް ފޯރުކޮށްދޭ ރާއްޖޭގެ ގުދުރަތީ ނިޒާމުގެ މުހިންމު ބައެއް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ދިރުންތަކާއި އެ ދިރުންތަކުގެ މާހައުލަށް ނޭދެވޭ އަސަރުކުރާ ގިނަގުނަ ކަންތައްތަކެއް ތަކުރާރުކޮށް ފެންނަ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަން ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ހިމާޔަތްކޮށްފައިވާ ދިރުންތައް ހިފައި، ގެންގުޅުމާއި އެ ތަކެތި މެރުމާއި، ކެއުމުގެ އިތުރުން އެތަކެއްޗާއި ތަކެތީގެ ބައިބައިގެ ވިޔަފާރިކުރުން އެއީ މަނާ ކަމެއްކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ. އެ އޭޖެންސީން ބުނީ ވެލާ ކަހަނބު ހިފުމާއި، ކެއުމާއި، ހިމާޔަތްކޮށްފައިވާ ދޫނިސޫފާސޫގފީގެ ބާވަތްތައް އޮޅު ޖަނަވާރުގެ ގޮތުގައި ގެންގުޅުން ވެސް އެއީ މަނާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން