ޒަކާތު ހައުސްގެ ހުރިހާ ޚިދުމަތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެއެވެ.

ޢިއްޒައްދީން މިހެން ވިދާޅުވީ ޒަކާތު ހައުސްގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން ޢަދްނާން ވިދާޅުވީ ޒަކާތް ހައުސްއަކީ ގިނަ ޚިދުމަތްތަކެއް ދެމުންދާ ތަނެއްކަމަށާއި އެތަނުން ދޭ ހިދުމަތްތައް ދިނުމަށް ޚާއްސަ ޕޯޓަލެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޒަކާތު ހައުސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެންމެ އާންމުކޮށް ހުށަހަޅަމުންދަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދިކަން ޢިއްޒައްދީން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަން ގަވްއާއި ގުޅިގެން ބޭސްވަރުވާގެ އެހީއަށް ވަކިން އެދޭވޭ ގޮތަށް، ޚާއްސަ ޕޯޓަލެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

ޢިއްޒައްދީން ވިދާޅުވީ ބޭސްފަރުވާގެ ގިނަ ކޭސްތަކަކީ އިމަރޖެންސީކޮށް އަންނަ ކޭސްތަކަކަށްވުމުން ލިޔެ ކިޔުންތައް ހުށަހަޅާ، އެ ޚިދުމަތް ޕްރޮސެސްވާން ގިނަ ވަގުތު ނަގާކަމަށެވެ. އެހެންނަމަވެސް މި ޚިދުމަތް އޮންލައިން ސިސްޓަމެއްގެ ތެރެއިން ކުރެވެން ފެށުމުން މިކަން ހައްލުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕޯޓަލުގެ ތެރެއިން ބޭސްފަރުވާގެ އެހީއަށް އެދި ރާއްޖޭގެ ކޮންމެ ތާކު ހުރެގެންވެސް އެދެވޭނެކަމަށާއި، އެމީހެއްގެ ޚިދުމަތުގެ ކަންކަން އަޕްޑޭޓް ވަމުންދާ މިންވަރު ޕޯޓަލްގެ ތެރެއިން ބަލާލެވޭނެކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

އޮންލައިންކޮށް ހިދުމަތް ދޭން މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން ޒަކާތް ހައުސް އިން ބުނީ އޮކްޓޫބަރ މަހުގެ ފަހުކޮޅު މި ހިދުމަތް ލޯންޗް ކުރެވޭނެކަމަށެވެ. އަދި މި ޕޯޓަލްގެ ތެރެއިން އެންމެ ފުރަތަމަ ގެންދެވޭނީ ބޭސްވަރުވާގެ ކަންކަން ކަމަށް ޒަކާތް ހައުސް އިން ވަނީ ބުނެފައެވެ.

ޢަދްނާން ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒަކާތުގެ ހައުސްގެ ހުރިހާ ޚިދުމަތްތަކެއް އޮޓޮމޭޓްކުރުމަށް ސޮފްޓްވެއަރއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޚާއްސަކޮށް ޒަކާތް ދެއްކުމާއި ޒަކާތް ހުރިހާ އެންމެނަށް އެއް ހަމައެއްގައި ބެހުމުގެ މަސައްކަތް ކުރެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން