ރާއްޖޭގައި ފިލްމު ކުޅުމަށް ބޮލީވުޑްގެ ތަރިންނަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ހާއްސަ ދައުވަތެއް މިއަދު ދެއްވައިފިއެވެ.

ރައީސް ބޮލީވުޑުގެ ތަރިންނަށް މި ދައުވަތު ދެއްވާފައިވަނީ އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް އެގައުމަށް ވަޑައިގެން މިއަދު މުމްބާއީގެ ތާޖު މަހަލް ޕެލެސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ފަތުރުވެރިކަން މުހިންމު ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭން މިއަހަރުގެ މިހާތަނަށް އިންޑިއާގެ 100،000 އަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ޖެހިޖެހިގެން 4 އަހަރު ރާއްޖެ ހޮވިފައިވާކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ އިންޑިއާއަކީ އެކާމިޔާބީގައި މުހިންމު ބައިވެރިއެއް ކަމަށެެެވެ.

ރައީސް މުޢިއްޒު ވަނީ ބޮލީވުޑްގެ ތަރިން ފިލްމް އުފެއްދުމަށް ރާއްޖެއަށް އައިސް ފިލްމްތައް ކުޅުމުގެ ދައުވަތު ވެސް ދެއްވާފައެވެ.

"ބޮލީވުޑް އިންޑަސްޓްރީގެ ފިލްމްތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމް އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ. އެހެންވީމަ ފިލްމް ޓޫރިޒަމްގައި ރާއްޖެ އިހުތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުހަބާ ކިޔާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މުމްބާއީގައި ހުންނަވާ ތާޖު މަހަލް ޕެލަސްގައި ބޭއްވި އިވެންޓަށް މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން އައިސް އެ މަނިކުފާނުގެ ދެކަނބަލުންނާ ވަނީ ބައްދަލުކޮށްފައެވެ. އެގޮތުން އިވެންޓަށް އައި މަޝްހޫރު ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި އަރްބާޒް ހާން އާއި އޭނާގެ އަންހެނުން އަދި މޭކަޕް އާޓިސްޓް ޝުރާ ހާން އާއި ސަނީ ކައުޝަލް އާއި ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް އަދި ކަރިޝްމާ ކަޕޫރް ފާހަގަކޮށްލެވެއެވެ.

އެ ހުރިހާ ތަރިންނާ ވެސް ރައީސް މުއިއްޒުގެ ދެކަނބަލުން ބައްދަލުކުރައްވައި ރާއްޖެ ޒިޔާރަތްކޮށް، ޕްރޮމޯޓް ކޮށްދިނުމަށް އެދިވަޑައިގެންފައިވާއިރު، އެހުރިހާ ތަރިންނާއެކު ރައީސް ވަނީ ފޮޓޯ ވެސް ނަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން