ރާއްޖޭގެ ޝިޕިން އެޖެންޓް ސެންޗޫރިއަން ޓްރާންސްޕޯރޓް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގައި ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓޭޜިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ)ގެ ބޯޓެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މިރޭ "ރަސް"އަށް ވިދާޅުވީ އެ ބޯޓު ރާއްޖެއައީ މިއަދު ހެނދުނު ކަމަށެވެ. ނަމަވެސް އެ ބޯޓު އަދި އޮތީ މާލޭގެ ބަނދަރާ ކައިރިނުކޮށް ކަމަށާއި ކޮންޓޭނަރުތައް ބާލަމުންދަނީ ބާޖެއް މެދުވެރިކޮށް ކަމަށެވެ.

ސެންޗޫރިއަން މެދުވެރިކޮށް އެމްއެސްސީގެ ބޯޓެއް މިއަދު ރާއްޖެ އައިސްފައިވާއިރު، މިއީ އެޝިޕިންލައިނަރ އިން ބޯޓެއް ރާއްޖެއައި ފުރަތަމަ ފަހަރެވެ.

"ސިންގަޕޫރުން، މެލޭޝިއާއިން ، ލަންކާއިން ރާއްޖެ މިއައީ. 800އަށް ވުރެ ގިނަ ކޮންޓޭނަރާއެކު ހަމަ ޖެނެރަލް ކާގޯ ހިފައިގެން މި އައީ" ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މީގެ ކުރިން އެފަދަ ބޮޑެތި ބޯޓުތައް ރާއްޖެ ނާންނަނީ ހިދުމަތް ދިނުމުގައި ލަސްވާތީ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އެމްޕީއެލްއިން ހިދުމަތްތައް އަވަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އައިމަން ޖަމީލު ރަސް އަށް ވިދާޅުވީ ޕޯޓް ބޮޑުކުރެވިއްޖެ ނަމަ ދުނިޔޭގެ ބޮޑެތި ޝިޕިންގ ލައިނަރތައް ރާއްޖެއަށް އަންނާނެ ކަމަށެވެ. އެހެންކަމުން އަވަސް މުސްތަޤުބަލެއްގައި ރާއްޖޭގެ ޕޯޓްތައް ބޮޑުވެ، ފުޅާވެގެން ދިޔުމަކީ މިވަގުތު އެންމެ ދެކެންބޭނުންވާ ކަންތައް ކަމަށްވެސް އައިމަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން