ގައުމިއްޔަތަކީ ނުރައްކާތެރި ފިކުރެއް ކަމަށް ބުނާ ވާހަކަތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ރައްދުދެއްވައިފިއެވެ.

މި ސަރުކާރުން ގައުމިއްޔަތުގެ ވާހަކަ ދައްކަމުންދާ އިރު އިދިކޮޅުން ގައުމިއްޔަތަކީ ނުރައްކާތެރި ފިކުރެއް ކަމަށް ދަނީ ސިފަކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ ގައުމިއްޔަތަކީ އިސްލާމީ ހަޟާރަތާއި ފުށުއަރާ ފަލްސަފާއެއް ކަމަށާއި އަދި އެއީ މީހުން ބައިބައިކުރާ ފަލްސަފާއެއް ކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ގައުމިއްޔަތުގެ ފަލްސަފާއަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަސީރު ވިދާޅުވީ ގައުމިއްޔަތުގެ ވާހަކަ ދައްކާއިރަށް އަޅުގަނޑުމެންނަށް ވަރަށް ގިނައިން ގޫގުލްއަށް ދެވޭ ކަމަށާއި އަދި އެއިން ގައުމިއްޔަތު މާނަކުރަނީ ނެޝެނަލިޒަމްގެ ގޮތުގައި ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގައުމިއްތަޔު ތައާރަފްކުރެވިގެންދާ އިރު މިއީ އަލަށް ގެނެވޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިއީ ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ ސިފަތަކެއް އަލުން އިއާދަކުރާ ވާހަކަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދެންނެވި ސިފަތަކުގެ ނަޒަރުން ދިވެހި ގައުމިއްޔަތަށް ބޭރު ނުވަތަ އިނގިރޭސި ނަމެއް ކިޔާކަމަށްވާނަމަ [އެއީ] ދިވެހި ނެޝަނަލް އައިޑެންޓިޓީ. ނެޝަނަލިޒަމެއް ނޫން. އެކަން ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން" މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން