އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލާއި އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭއާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ބައްދަލުވުމަށްފަހު ފައިޞަލް އެކްސްގައި ވިދާޅުވީ، އިޓަލީގެ ފަތުރުވެރިން ރާއްޖެއައުން އިތުރު ކުރެވޭނެ ސްޓްރެޓެޖީތަކާއި އެގައުމުގެ ވިޔަފާރިތަކުން ރާއްޖެއަށް އިންވެސްޓުކުރުމާއި ގުޅޭގޮތުން އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އޭގެ އިތުރުން ވެސް ދެ ގައުމުން ގުޅިގެން ކުރެވޭނެ އިތުރު މަސައްކަތްތަކާމެދު މަޝްވަރާ ކުރެއްވިކަމަށް ފައިޞަލް ވިދާޅުވެފައިވެއެވެ.

އިޓަލީގެ ފަތުރުވެރިން ރާއްޖެއަންނަ މިންވަރު އިތުރުކުރަން މަޝްވަރާތަކެއް ކޮށްފައިވާއިރު މިހާރު ވެސް އިޓަލީއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެގައުމުން 108،463 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގައުމުތަކުގެ އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން