އެމަނިކުފާނު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި މެދު ބައެއް ފަރާތްތަކުން ސުވާލުތަކެއް އުފެއްދި ނަމަވެސް، އެ ޖާގައެއް ނެތްކަމަށާއި ފަތުރަމުން ދަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.

ރައީސް މިހެން ވިދާޅުވީ ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވައި  ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަބަދުވެސް ދަމަހައްޓާނެކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސްކަމެއް އިތުރު ބައެއްގެ އަތްމައްޗަށް ދޫކޮށްނުލެވޭނެ ކަމަަށެވެ.

ރާއްޖޭގެ މެރިޓައިމް ސެކިއުރިޓީ އޮތީ ކުރިން ލިޔެވިފައިކަމަށާއި، އޭގައިވާ ހުރިހާ އިބާރާތެއް ގާތުން ބަލަހައްޓަމުން ގެންދަނީ ޑިފެންސް މިނިސްޓްރީންކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއާއެކު ވި އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަދި އެހެން ގައުމެއްގެ ބާރު އެއްކޮށް ހިނގާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އެގޮތުން އިންޑިޔާ އެކު ސޮއިކުރި "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ އެންމެންނަށް ފެންނަ ގޮތަށް އޮތް ޑޮކިއުމަންޓެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

"އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީ ހެން އޭގައި ނުހުންނާނެ ކަންކަމެއް،" ރައީސް އޮފީހުގައި ޝާޢިއުކޮށްފައިވާ އެ ޑޮކިއުމަންޓާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންޑިއާއާއެކު ވި އެއްބަސްވުންތަކުގައި އެހެން ބަޔެއްގެ އަތްމައްޗަށް އެއްވެސް ކަމެއް ދޫކޮށްލާފައިނޯއްނާނެ ކަމަށެވެ. އަދި އެއްބަސްވުންތަކުގައި އޮންނާނީ ރާއްޖޭގެ ފުދުންތެރިކަމާއި ކެޕޭސިޓީ އިތުރުކޮށްގެން ކަންކަން ކުރާ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިންނަށް އެންމެ މުހިންމީ އިސްލާމްދީނާއި ގައުމިއްޔަތު ކަމަށާއި އެ ކަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް ވިޝަން ޑޮކިއުމަންޓުގައި ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރަކީ ހުރިހާ ކަމެއް ވެސް ދެފުށް ފެންނަ ގޮތަށް ހިންގާ ސަރުކާރެއް ކަމަށެވެެ. ރައީސް ވަނީ ޚާރިޖީ ސިޔާސަތާއި ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން