ސަރުކާރުން ކަންކަން ނިންމާނީ ރާއްޖެއަށް އަބަދުވެސް ފައިދާ ބޮޑު ގޮތަށް ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިޔާ ދަތުރުފުޅާއި ގުޅިގެން ފާޑުކިޔާ ފަރާތްތަކަށް ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ރައްދުދެއްވައިފިއެވެ.

އަޒާން މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާ އެކު މިހާރު އަވައްޓެރި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ އެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާތީ އެކަމަށް ރައްދުދެއްވަމުންނެެވެ. އެގޮތުން އިންޑިއާއާ މެދު މި ސަރުކާރުން ގެންގުޅުނު ސިޔާސަތު ދިމާ އިދިކޮޅަށް އަނބުރާލައި ކުރިން ގޯސްވި ކަންތައް މިހާރު ރަނގަޅުވެ އިންޑިޔާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރަށްވާފައިނުވާ ކަމަށެވެ. އެެހެން ނަމަވެސް އިންޑިއާއިން އާންމު އުސޫލުން ދިވެހިރާއްޖޭގެ ރައީސަކު އެ ޤައުމަށް ވަޑައިގަތުމުން، އެގައުމުން ބޭނުންވާ ބައެއްކަންކަމާ މެދު މަޝްވަރާކުރި ކަމަށް އަޒާން ވިދާޅުވިއެވެ.

"އެކަމަކު ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި،" އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން އަޒާން ވިދާޅުވީ އެންމެ ބޮޑަށް ދެކޮޅު ހެދިކަމަކީ ރާއްޖޭގައި އެކި ނަންނަމުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބި ތިބުން ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ.މުއިއްޒު ވެރިކަމުގެ ހުވާކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އާއި ވާހަކަ ދައްކައިގެން ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރިޖީ ސިޔާސަތަކަށް ވެފައި އޮތީ "އިންޑިއާ އޮންލީ" ކަމަށެވެ.

އެހެން ނަމަވެސް އެއާ ހިލާފަށް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި އެސިޔާސަތު މާނައަކީ، އެހެން ޤައުމުތަކާއިއެކު ބާއްވާ ގުޅުންތައް ރާއްޖޭގެ މަސްލަހަތަށް އިސްކަން ދީގެން ބޭއްވުން ކަމަށް އަޒާން ވިދާޅުވިއެވެ.



"މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ މިދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން އެއީ ރާއްޖޭގައި ނެތް ބައެއް ކަމަށް ބުނި މީހުން، އަދި އެމީހުން ތިބުމަކީވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން. ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެ ބަނޑަށް ޖެހިދާނެއޭ ކުރީ ސަރުކާރުގެ ވަޒީރުންނާއި، އެމްޑީޕީން ހިންގާ ނޫސްތަކުން ކުރިން ބުނެފައިވޭ. މިވާހަކަތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ." އަޒާން ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން