އާއްމު ސިއްހަތު ރައްކާތެރި ކުރުމުގައި ރާއްޖެއިން ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެވޯޑްތަކެއް ދީފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އިންޑިޔާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއަށް އެވޯޑްތައް ދީފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެވޯޑުތައް ދީފައިވަނީ ރާއްޖޭގައި ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ޖެހުން ކޮންޓްރޯލް ކުރުމާއި، ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރާއި، އުފަންވާތާ މަހެއްނުވެ މަރުވާ ކުދިން އަދި ބަނޑަށް 20 ހަފްތާގައި މަރުވާ ކުދިންގެ އަދަދު ދަށްވެފައިވާތީ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި ޑަބްލިއުއެޗްއޯ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މި ސަރަހައްދުގެ 11 ގައުމުގެ ހެލްތު މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ މީހުން ހިމެނޭ ގޮތަށް ސިއްހަތާ ގުޅޭ މުހިއްމު ކަންކަން ކަނޑައަޅައި މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިއްމު ބައްދަލުވުމެވެ.

ރާއްޖެއިން އެކިއެކި ބަލިތައް ނައްތާލައިގެން ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ރާއްޖެއަށް މިފަދަ އެވޯޑްތައް ދީފަ އެވެ. އޭގެ ތެރޭގައި ހިމަބިއްސާއި ފައިލޭރިއާ ނައްތާލުމުން ދޭ އެވޯޑް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން