ދޭދޭ ގައުމުތަކާއި އޮންނަ ޚާރިޖީ ގުޅުމުގެ ތެރެއިން ނުކިއްސަރު ކަންތައްތަކެއް މިހާރު ނުހިނގާނެ ކަމަށް ރައްޔިތުންނަށްޕާއި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވެއްޖެއެެވެ.

ރައީސް މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބުދު ﷲ ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުރަމުންދާ އެއްވެސް މަސައްކަތެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

ޚަލީލް ވިދާޅުވީ ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ރަނގަޅުގޮތް ހޯދުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދިޔަ ކަމަށް ޚަލީލް ވިދާޅުވިއެވެ. މިނިސްޓަރު ޚަލީލް ވިދާޅުވީ އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި ވިޝަން ޑޮކިއުމަންޓު ކިޔާ ޑޮކިއުމެންޓެއް އުފެދިގެން ދިޔަކަމަށާއި އެއީ ވަރަށް ބޮޑަށް ވާހަކަ ދެކެވިގެން ދެ ގައުމުން އެއްބަސްވެގެން ކުރެވުނު މަސައްކަތެއް ކަމަށެެވެ. އަދި އެ ޑޮކިއުމަންޓްތައް އިންޑިއާ ސަރުކާރާއި ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާއިރު އޭގައި ހުރިހާ މައުލޫމާތެއް ހިމެނޭ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ޚާރިޖީ ސިޔާސަތުގެ ތެރޭގަައި ވެސް މިކުރެވޭ ކަންތައްތަކުގައި ފޮރުވާނެ އެއްޗެއް ނެތްކަން ރައީސް ވަރަށް ސާފުކޮށް އެ އޮތީ ވިދާޅުވެ ދެއްވާފައި. އެއީ ރައްޔިތުން ތެރޭގައި ޚާއްސަގޮތެއްގައި މީގެ ކުރީގައި ކަންކަން ފޮރުވުމުގެ ނަތީޖާއެއްގެ ގޮތުން ގެެއްލުނު އިތުބާރު ހޯދުމަށްޓަކައި ރައީސް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް، އެހެންވީމަ މިކަމުން އެބަ ދޭހަކޮށްދޭ ޚާރިޖީ ސިޔާސަތުތަކުގެ ތެރޭގައި ނުކިއްސަރު ކަންތައްތަކެއް ފޮރުވުމަށްޓަކައި މަސައްކަތް ކުރުމެއް ނެތް ކަން." ޚަލީލް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މިއީ ފުންކޮށް ވިސްނައި މަޝްވަރާކުރެވުނު އަދި ގުޅުން ބަދަހިކުރެވުނު ދަތުރުފުޅެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ދެމިގެންވާ ރަޙުމަތްތެރިކަމުގެ އަނެއް މުހިންމު މަރުޙަލާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ބޭފުޅުންގެ ހޫނު އަދި މާތް މެހެމާންދާރީއަށްޓަކައި އިންޑިއާގެ ބޭރުގެ ކަންތައްތަކާބެހޭ ވަޒީރު ޑރ. އެސް. ޖައިޝަންކަރަށާއި، އިންޑިއާ ސަރުކާރަށާއި އަދި އިންޑިއާގެ ރައްޔިތުންނަށް ޑރ. ޚަލީލް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފަވެ.

"ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޅުގަނޑުމެންގެ އަޒުމް ދެމިއޮންނާނެ. އަދި އަޅުގަނޑު ކުރިމަގުގައި އަންނާނެ، އަޅުގަނޑުމެންގެ ދެ ޤައުމާއި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެއްބާރުލުންތަކަށް އުއްމީދުކުރަން،" ޑރ. ޚަލީލް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން