ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންނެވުން
ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންނެވުން
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް މިހިނގާ އޮކްޓޯބަރު މަހުގެ 6 އިން 10 އަށް ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި މި ތާރީޚީ ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ނިންމެވުމަކީ "އަ ވިޜަން ފޯ އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ނަމުގައި އެކުލަވާލި ކަރުދާސް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. އެގޮތުން ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް، މި ކަރުދާސް އެހީތެރިވެދޭނޭކަމަށް ދެ ފަރާތުންވެސް އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ ދާދިވަރުކޮށް އިފްތިތާޙުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ޤައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީ އާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ފަރާތުން މަޝްވަރާކުރައްވާފައިވެއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައިވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ. ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އިންޑިއާގެ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވާފައެވެ.

މީގެ އިތުރުން، ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެކަމަނާ ތަޢުލީމު ޙާޞިލުކުރެއްވި، ބެންގަލޫރުގެ، ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ނިއުދިއްލީގައި ހުންނަ، ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑްސް އޮތޯރިޓީ އޮފް އިންޑިއާއަށް ވެސް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ.

އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރު ދިވެހިރާއްޖެއަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އެކުގައި މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ދެ ޤައުމުންވެސް އަރުވަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން