ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރުފުޅަކީ މިހާތަނަށް ރާއްޖޭގެ ރައީސަކު އެގައުމަށް ކުރެއްވި އެންމެ ކާމިޔާބު ދަތުރުފުޅަށް ވެގެންދާނެ ކަމަށް ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް މުޢިއްޒު އިންޑިޔާ އަށް ކުުރެއްވީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ހެޔޮ ނަތީޖާ ކުރިއަށް އޮތްތާގައި ފެނިގެންދާނެ ކަމަށެވެ. ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރުފުޅުގައި އެޤައުމުގެ 3 ސިޓީއަކަށް ޒިޔާރަތްކުރައްވައި، ވިޔަފާރީގެ ފޯރަމުތައް ބޭއްވެވި ކަމަށާއި އެކަމުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާ އެއް ލިބިގެންދާނެ ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ރައީސްގެ މިދަތުރުފުޅުގައި ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުން ކަމަށެވެ. އަދި ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެން ދިޔުމަށްވެސް ރައީސްގެ މިދަތުރުފުޅު މުހިންމު ރޯލެއް އަދާކުރި ކަމަށް ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، މި ދަތުރުފުޅުގައި ތައާރަފް ކުރި ރުޕޭ ކާޑާއެކު އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ މީހުން ސިއްހީ ހިދުމަތް ހޯދުމަށާއި މަތީ ތައުލީމަށްވެސް އިންޑިއާއަށް ދަތުރުކުރާއިރު ޑޮލަރުގެ ބަދަލުގައި ރުޕޭ ކާޑު ބޭނުންކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެެ. ޒަމީރު އިތުރަށް ވިދާޅުވީ ކަރަންސީ ސްވެޕް އެގްރީމެންޓްގެ ދަށުން ރާއްޖެއަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރާއި ގާތަށް ފައިސާ ލިބޭނެ ކަމަށެވެ. އޭގެ ސަބަބުން ރިޒާވް ރަނގަޅުވެ މިހާރު ހުރި ބައެއް ދަތިތައް ފިލައިގެން ދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ ދަތުރުން ލިބުނު ކުރިއެރުންތަކާއެކު އިގްތިސޯދީ ޕޮލިސީ ތަންފީޒު ކުރުމަށް ފަސޭހަވާނެ ކަމަށެެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާއެކުވެސް ގާތްގުޅުމެއް ބާއްވައި ދިވެހިންނަަށް ފައިދާވާގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމަަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިހާރު ވަނީ މާލޭ ވަޑައިގެންފައެވެެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ރައީސްގެ މިދަތުރުފުޅުގެ ތެރޭގައި ވަނީ މަޝްވަރާކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން