ޔޫއެންޑީޕީއަކީ ރާއްޖޭގެ ތަރައްގީގެ މަގު އެކަށައެޅުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޔޫ.އެން.ޑީ.ޕީގެ 45 އަހަރުގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ޔޫ.އެން.ޑީ.ޕީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 45 އަހަރަކީ ދިވެހިރާއްޖެއާއި އދ. އާ ދެމެދު އޮތް ގުޅުމުގައި މުހިންމު މަރުހަލާއެއް ކަމަށެވެ. އަދި މި ގުޅުމަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ގޮންޖެހުންތަކަށް އަމާޒުކުރެވިފައިވާ ގުޅުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޔޫ.އެން.ޑީ.ޕީ އާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ ކުރިއެރުމާއި، ތަރައްޤީއާއި، އިންސާނީ ކަރާމާތުގެ މައްޗަށް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ކޮންމެ ދިވެއްސަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުސަތު އޮތް މުސްތަޤުބަލެއް ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމާއެކު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ރާއްޖޭގައި ޔޫ.އެން.ޑީ.ޕީގެ އިބްތިދާއީ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން އެންމެ ނިކަމެތި ޤައުމުތަކުގެ ތެރެއިން ޤައުމަކުން ޒަމާނީ، ވިލުންވެރި އަދި ކުރިމަގަށް ވިސްނާ ޤައުމަކަށް ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"ޔޫ.އެން.ޑީ.ޕީން 1978 ގައި ދިވެހިރާއްޖޭގައި އޮފީހެއް ހުޅުވި ފަހުން، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ ދަތުރުގައި އަބަދުވެސް އެހީތެރިވެދީފައިވޭ. 2011 ގައި ދިވެހިރާއްޖެ އެންމެ ނިކަމެތި ޤައުމުތަކުގެ ލިސްޓުން ނުކުތުމުގައި ޔޫ.އެން.ޑީ.ޕީގެ ފަންނީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޔޫ.އެން.ޑީ.ޕީން އަހަރުތަކާއެކު ހިނގަމުން ދިޔައިރު އެ ފަރާތުގެ އަމާޒު ފުޅާވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އަސާސީ ތަރައްޤީގެ ބޭނުންތަކަށް އެކަނި ނޫން ގޮތުގައި މޫސުމީ ބަދަލުތަކަށް ކެތްތެރިވުމާއި، އިޤްތިޞާދީ ތަފާތު ދާއިރާތައް ތަރައްޤީކުރުމާއި، އިޖްތިމާޢީ ގޮތުން އެކުލެވިގެންވުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ރަނގަޅު ވެރިކަމާއި، އަދި އިދާރީ އިޞްލާޙުތަކަށް އަމާޒުކޮށްގެން ފަހަކަށް އައިސް ކުރިއަށްގެންދާ މަސައްކަތްތަކަށްވެސް އަމާޒުކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ޑިޖިޓަލް އިޤްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅުގަނޑުމެން ބަރޯސާވަނީ ޔޫ.އެން.ޑީ.ޕީގެ ދެމެހެއްޓެނިވި އެހީތެރިކަމަށެވެ. އަދި މިހާރު ކުރިއަށްދާ 20 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) އެކުލަވާލުމުގައި ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުވެރިވަމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، އެތައް އަހަރެއްގެ މައްޗަށް ދިވެހިރާއްޖެއަށް އދ. އިން ދެއްވާފައިވާ ދެމެހެއްޓެނިވި އަދި އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން