ހެލްތު މިނިސްޓަރ އަމީން
ހެލްތު މިނިސްޓަރ އަމީން
ކޮވިޑް-19 ހަރަދުތަކުގެ އޮޑިޓް ރިޕޯޓްގައި ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގައި ފާހަގަ ކުރެވުނު ކޮރަޕްޝަން ކަމަށް ބެލެވޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހާޒިރުވުމަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު އަމީނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އޮޑިޓް ރިޕޯޓްގައިވާ ކަންކަމާ ގުޅޭ ގޮތުން އަމީންއާ މަޝްވަރާ ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ. އެ ކަމުގައި މަޝްވަރާ ކުރާ ކޮމިޓީ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11:00 ގައި ކަމަށާއި އެ ކޮމިޓީއަށް ހާޒިރުވާން އެދޭ ކަމަށް ސިޓީގައިވެއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ، އެ މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތަކާއި އޭރު މަސްއޫލިއްޔަތު އަދާ ކުރާ ވަޒީރު ހާޒިރު ކުރުމަށް ކޮމިޓީން ނިންމި ކަމަށެވެ.

މަޖިލީޙުގެ އިދާރާއިން އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ. އެ ގޮތުން މިނިސްޓަރު އަމީނާއި ވެންޓިލޭޓަރުގެ ބިޑްގެ ކަންކަން ނިންމި ބިޑް ކޮމިޓީގެ މެންބަރުން ވެސް ހާޒިރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ބިޑް ކޮމިޓީގެ ޗެއާ، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ނިޝާ) ހިމެނޭ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން މާދަމާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރާއިރު، ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރިވެވަޑައިގެންފައެވެ. ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ މިހާރު ހަވާލުކުރެއްވީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ވަނީ ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާ ގުޅޭ މައްސަލާގައި މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމަކާއި މަކަރާއި ހީލަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ. މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ. ހެލްތު މިނިސްޓްރީގެ ތެރެއިން ހިނގާދިޔަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމަށް ބެލެވޭ މި މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވައިފައެވެ. އެމައްސަލައިގައި ބިޑް ކޮމެޓީގެ ވެރިންނާއި ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއް ވަނީ ސަސްޕެންޑްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު