ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަދި ހައްލެއް ނުލިބޭ ކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓާމްސް" ގައި ބުނެފައިވަނީ މާލީ ދަތިކަމަށް އަދި ހައްލެއް ނުލިބޭ ކަމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެރިޕޯޓްގައި ދައުލަތުގެ ހަރަދުތައް ބޮޑުވެ، ބޭރުގެ ދަރަނި އަދާކުރަން ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުވެފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެރިޕޯޓްގައި ބުނާގޮތުން 2026 ވަނަ އަހަރު ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަންޏަށް ތައްޔާރުވުމުގެ ގޮތުން ސޮވްރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) އުފެއްދި ނަމަވެސް މިއަހަރުގެ އޮގަސްޓާ ހަމައަށް އެ ފަންޑުގެ ބެލެންސްގައި ހުރީ 65 މިލިއަން ޑޮލަރެވެ. އެއީ ދަރަނި އަދާކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ހަރަދުތައް ކުޑަކުރި އިރު ދައުލަތުން ޕްރައިވެޓް ސެކްޓާގެ ކޮންޓްރެކްޓަރުންނާއި އެހެން ދާއިރާތަކުގެ ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާ ލިބުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާގޮތުގައި މިއަހަރުގެ ކުރީކޮޅު ޓޫރިޒަމް ދާއިރާ ރަނގަޅުވުމާ ގުޅިގެން ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން 9.8 ޕަސެންޓުގައި ވަނީ ކުރިއަރާފައެވެ. އަދި ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ 15 ޕަސެންޓުގައި ކުރިއަރައިފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ވޯލްޑު ބޭންކުން ބުނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ ޖުމްލަ ދަރަނި 126 މިލިއަން ރުފިޔާގައި ހުރި އިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 116 ޕަސެންޓު ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތެރޭގެ ދަރަނި 68 ޕަސެންޓަށް އިތުރުވެފައިވާއިރު އެހާ ބޮޑަށް އެތެރޭގެ ދަރަނި އިތުރުވެފައިވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސް، ބޭރުން ފައިނޭންސް ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާތީ ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން