މިހާރު މާލޭގައި ބޭނުންކުރާ ޕަމްޕުތަކުން ފެން ހިންދަން ފަސޭހަވާނެ ކަމަށް އިންފްރާންސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ވަނީ ބޭނުންކުރަން ފަށާފައެވެ. އައިޖީއެމްއެޗް ހުންނަ ސަރަަހައްދަކީ ވާރޭ ވެހިއްޖެނަމަ ވަރަށް ބޮޑަށް ފެންބޮޑުވާ ސަރަހައްދެކެވެ. ނަމަވެސް ރޭ ފަތިހާއި މިއަދު ހެނދުނު ކުރި ވިއްސާރައިގައި ވެސް އެ ސަރަހައްދުގައި ފެންބޮޑެއް ނުވެއެވެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވީ

މާލެއަށް ވާރޭވެހޭ ކޮންމެ ފަހަރަކު އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗު ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް މިވަގުތަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުމަށް މި ސަރުކާރުން ކުރި މަސައްކަތުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފެން ހިންދަން ގާއިމްކުރި ސިސްޓަމް ބޭނުންކުރަން ފަށާފައިވަނީ މާލޭގެ ހުޅަނގު ސަރަަހައްދުގައި ވަކިން ޚާއްޞަކޮށް ވެސްޓް ޕާކާއި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވެސް ވަގުތީ ގޮތުން ހައްލެއް ގެންނަން ރައީސް މުއިއްޒު އެންގެވުމަށް ކުރިއަށް ގެންދާ މަޝްރޫއެއްގެ ދަށުން ކަމަށެވެ. އަދި އެއީ ޑިފެންސް މިނިސްޓްރީން އިސްވެ އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ބައިވެރިވުމާއެެކު މިދިޔަ މޭ 10 ގައި އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ނިމިފައި ވަނީ އެއްބައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތުން، ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލެއް ނުލިބުނަސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކޮށް، ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވާނެ ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް، ބަލަހައްޓަނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުނުވާ ގޮތަށް ހެދިއިރު މިސަރަހައްދަކީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތު ވެސް ހުންނަ ސަރަހައްދެވެ.

މާލެއަށް މިއަދު ވެސް ވިއްސާރަކުރަމުން އަންނައިރު އެމްއެންޑީއެފުން ވަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކޮށްފައެވެ. މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަަށް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެެވެ.

ވާރޭ ކިރިޔާ ވެހިލާއިރަށް އެންމެ ބޮޑަށް ފެންބޮޑުވެ ނުހިނދި އޮންނަ ކަމަށް ފާހަގަކުރެވެނީ މަޖީދީ މަގުގެ މެދުތެރޭގެ ސަރަހައްދާއި އިރުމަތީކޮޅުގެ ސަރަހައްދެވެ. މަޖީދީމަގަކީ މުޅި މާލޭގެ ހުރިހާ ރައްޔިތުން އަބަދުހެން ބޭނުންކުރަންޖެހޭ މަގެކެވެ. އެހެންކަމުން މަޖީދީމަގުގައި ފެންބޮޑުވުމުގެ މައްސަލައަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން