އުމުރުން 45 އަހަރު ނުވާ އަންހެނުންނަށް މަހުރަމަކާ ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް އުސޫލު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އެންގުވާއެކު ބަދަލުކޮށްފިއެވެ.

މި އުސޫލު ބަދަލުކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އެ މިނިސްޓްރީން ކުރިން އާއްމުކުރި އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގައިވާ، 45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވާލެއްވުމަށް ވަޒީރު އަންގަވާފައިވާ ކަމަށެވެ.

މި މާއްދާއަކީ 2022 ވަނަ އަހަރު އާއްމުކޮށް އަމަލު ކުރަމުން އައި އުސޫލުގައިވެސް ހިމެނިފައިވާ މާއްދާއެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މާއްދާ އާ އުސޫލުން އުނިކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަންގަވާފައިވަނީ ސައުދީ އަރަބިއްޔާއިން ކުރިން އަމަލު ކުރަމުން އައި އުސޫލު ދާދިފަހުން ބަދަލުކޮށް އަންހެނުންނަށް މަޙުރަމަކާއި ނުލާ އުމްރާ ކުރަން ދެވޭނެ ގޮތަށް ބަދަލުކުރައްވާފައިވާތީއެވެ.

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުކުރި ޢުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލުގައި މި މާއްދާ ވަނީ ބަދަލުކޮށްފައެވެ. އެ ވުޒާރާއިން ވަނީ މި އުސާލަކީ އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށައަޅާ ކުންފުނިތަކަށްވެސް ކުރިއަށްވުރެ ބޮޑުތަން ލުއި ވާނެ ގޮތަށް އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން