މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް އޭގެ ހައްގުވެރިންނަށް ލިބޭ ގޮތަށް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ލިސްޓް އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފުލެޓް ލިބޭ މީހުންގެ ލިސްޓެއް ވަނީ އާންމުކޮށްފައެވެ. އެހެން ނަމަވެސް އެލިސްޓާއި ގުޅިގެން ބަޔަކު ކުރި ޝަކުވާތަކާއި ގުޅިގެން އެމައްސަލަ އޭސީސީން ބަލަން ފެށުމާއި ގުޅިގެން ފުލެޓް ދޫކުރުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އެމައްސަލަތަށް ބެލުމަށްފަހު އޭސީސީން ބުނީ ކުރީގެ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ. ހައުސިން މިނިސްޓްރީ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހިނގާ އޮކްޓޫބަރު މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެން އަޅަމުންދާ ފުލެޓްތަކެކެެވެ. އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ޖޭއެމްސީން ކުރާގޮތަށް ވަނީ ނިއްމާފައެވެ.

މި ޓަވަރުތަކުގައި ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓް ހުންނައިރު ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން