ޑރ. އަލީ ލަތީފު
ޑރ. އަލީ ލަތީފު
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އަށަކަށް އަރައިފައިވާ ކަމަށް ޑރ. ޢިބްރާހިމް އަފްޒަލް ވިދާޅުވެެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު އައިސީޔޫގައި 11 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން 8 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން މިވަގުތު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު މިރެއާއި ހަމަޔަށް ވަނީ 162 އަށް އަރާފައެވެ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) ގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަލީ ލަތީފްގެ ވާހަކައިގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަން ވަނީ ފާހަަގަކުރައްވާފައެވެ.

މިހާލަތު ކުރިއަށް ދާނަމަ ފަރުވާ ދޭން ޖެހޭ މީހުންނާއި ފަރުވާ ނުދެވި ދޫކޮށްލަން ޖެހޭ މީހުން ކަނޑައަޅާ ހިސާބަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ޑރ. ޢަލީ ލަތީފް ވަނީ ފާޅުކުރައްވާފައެވެ.

"ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައި. މިގޮތަށް ދާ ނަމަ، މެނޭޖް ކުރަން އުނދަގޫ ވާނެ. އެކި ގައުމުތަކުގައި ގިނަ ބަޔަކު މަރުވެފައި ވަނީ ފަރުވާ ނުދެވިގެން. މިހާ ހިސާބަށް އައިއިރު، ޓްރަޔޭޖް ކުރަން ނުޖެހޭ. އަޅުގަނޑުމެން ވެންޓިލޭޓަރަށްލާން ނޫނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ސެލެކްޓް ކުރަން ޖެހިދާނެ." ޑރ.އަލީ ލަތީފް އިންޒާރު ކުރެއްވިއެވެ.

ރާއްޖޭގައިތިބި ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19 ބަލި މީހުންނަށް އެކަނި ހުސްކޮށްފައި ނުބޭތިއްބޭނެކަމާއި، އެހެން ބަލިތަކުގެ ފަރުވާވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭކަން ޑރ. ޢަލީ ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

"ލާރި ހުރިއްޔާ އިކުއިޕްމަންޓް ގެނެވިދާނެ. އެކަމަކު އިންސާނީ ވަސީލަތެއް ނެތް. މުޅި ސިއްޙީ ނިޒާމުގައި މަސައްކަތްކުރާ މީހުން ތިބީ ވަރުބަލިވެފައި." ޑރ. ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779 އަށް އަރާފައެވެ. މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެބަތިއްބެވެ. މިހާތަނަށް 26 މީހަކު ކޮވިޑް ބަލީގައި ރާއްޖެ އިން ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ 20:00 އިން ފެށިގެން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު