މި ސަރުކާރަކީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ވެރިކަމަށް އައި ސަރުކާރެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ފެށި ލާމަރުކަޒީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އިސް މުޝީރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް ކަމެއް ކޮށްދޭން ވެރިކަމަށް އައި ސަރުކާރެއް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. މިސާލެއްގެ ގޮތުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލައިގެ ވާހަކަ ދައްކަވައި ސާލިޙު ވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ އެގޯތި ތައް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ގޯތި ދޫކުރުން ލަސްކުރުމަކީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޭ އަނިޔާއެއްގެ ގޮތުގައި ސާލިޙު ވަނީ ސިފަކުރަށްވާފައެވެ. ސާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

"އެންމެ ގާފޮއްޗެއް ވެސް އެއްއަހަރު ވެގެންދިޔައިރު ބޭއްވިއްޖެތޯ؟ އެއްވެސް ކޮންޓެރެކްޓެއްގައި ސޮއިކުރެވިއްޖެތޯ؟ ހަމައެކަނި ކުރެވުނު ކަމަކީ އަޅުގަނޑުމެން ފަށާފައި ހުރި 4000 ފުލެޓާއި ނިމުނު 700 ފުލެޓާއި ހަވާލުވުމުގެ ލިޔުމާއި ހަވާލުވެވުނީ. އެނޫން އެއްކަމެއް ވެސް ނުވޭ. މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާ ކަމަށް ވައްޏާ ކުރަންވީ ކަމަކީ އެފުލެޓްތައް ހައްގުވާ ފަރާތްތަކަށް ދިނުން. ހުޅުމާލެ އިން ދޫކޮށްފައި ހުރި ގޯތިތައް ދޫކުރުން. ގުޅީފަޅުން ދޫކޮށްފައި ހުރި ގޯތި ތައް ދޫކުރުން. ގިރާވަރު ފަޅުން ދޫކޮށްފައި ހުރި ގޯތިތައް ދޫކުރުން. ހިއްކަން އެއްބަސްވެފައިވާ އެގްރިމެންޓާއެކު ކުރިއަށް ދިޔުން. އުތުރުތިލަފަޅުގައި ބިން ހިއްކައިގެން ދަނޑުވެރިކަމެއް ނޫން ކުރަންވީ. އެތަނުން މާލޭ މީހުންނަށް ގޯތި ދޭންވީ، ފުށިދިއްގަރު ފަޅު އެއީ ލެގަސީ އަކަށް ހަދަން ބޭނުމިއްޔާ 05 އަހަރު އެބައޮތް އެކަން ކުރެވިދާނެ،" ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ފުރަތަމަ އަށް މަސް ދުވަހު 63 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ސާލިޙު ވަނީ ޑޮލަރުން ކުރާ ހޭދަ މަދުވެފައިވާ ކަން ފާހަގަކުރަށްވައި ގައުމުގައި ޑޮލަރު މަދުވެގެން އުޅޭ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ.

"ކޮންމެ މަހަކު ތެލަށް އަޅުގަނޑުމެން ކުރި 50 60 މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު ކުރަންޖެހެނީ 25 މިލިއަން ޑޮލަރު. އިސްތިއުފާ ދެއްވި ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ ތެލަށް މިހާރު ހަރަދުކުރަނީ 06 މިލިއަން ޑޮލަރޭ. ދެން ޑޮލަރު މަދުވެގެން އުޅެންޖެހޭ ސަބަބަކީ ކޮބައިތޯ؟ ހަމަ ހިންގަން ނޭނގެނީ،" ސާލިޙު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ސަރުކާރަށް ލިބޭ އާމްދަނީން ކުރާ ކަމަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މުސާރަ ދިނުން ކަމަށެވެ. އެގޮތުން ސަރުކާރުން މިހާތަނަށް 2000 އަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާ ކަަމަށް ސާލިޙް ވިދާޅުވިއެވެ.

"ޕޮރެޖެކްޓް ތައް ހުއްޓާލާފައި ވެސް އެއިން ލިބުނު ލާރިން ކުރާ ކަމަކީ އެއީ. ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން ބަޖެޓްކުރި އަދަދު ވެސް ނަގާ އެ ވެސް އެ ހޭދަކުރަނީ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް މުސާރަ ދޭން،" ސާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން