ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް އާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ތިން ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ހޯމަ ދުވަހުއެވެ. މާދަމާގެ ޖަލްސާގައި ޓެކްސްތައް ބޮޑުކުރުމާއި ގުޅޭ ތިން ބިލެއްގެ މަސައްކަތް ފެށުމަށް ވަނީ އެޖެންޑާކޮށްފައެެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރަން ހުށައަޅާފައެވެ.

ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށައަޅާ ބިލާއެކު އަންނަ އަހަރު މި ޓެކްސްއިން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދެން އިސްލާހު ހުށައަޅާފައިވަނީ ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި އިސްލާހުގައި ވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް ހުށައަޅާފައެވެ. އަދި، މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށް އޭނާ ހުށައެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.

މިބަދަލާ އެކު އަންނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފައެވެ.

ހަމައެއާއެކު މިހާރު ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އެ މުއްދަތުން ފެށިގެން ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އާ ބަދަލާ އެކު 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި، ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން 120 ޑޮލަރު މިހާރު ނަގާއިރު އެ މުއްދަތުން ފެށިގެން 480 ޑޮލަރު ނެގުމަށް މަޖިލީހަށް ހުށައެޅި އިސްލާހުގައި ބުނެފައިވެއެވެެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ހުށައަޅާފައިވާއިރު އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.

މި ބަދަލާ އެކު އަންނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 796.5 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާ ކުރެއެެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ޓެކްސްތައް ބޮޑުކުރަން ހުށައަޅާފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅިގެން މާލީ އިސްލާހީ ރިފޯމްތައް ގެނައުމަށް ވޯލްޑް ބޭންކުން ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން