ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގައި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރުން ހޭދަކޮށްފައިވަނީ 2،455،583.01 ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒު މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުން 29 ގެ ނިޔަލަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަކީ އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގެ “ހައި ލެވަލް ވީކް” ގައި ތަޤްރީރު ކުރެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

އަދި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި ހަރަކާތްތެރިވެ ނޫޅުއްވާ މިންވަރަށް ރާއްޖެއަށް ފަހިވާނެ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އާއެކު އދ. ގެ މަޖިލީހަށް ވަޑައިގެންނެވި ދިވެހި ވަފުދުގައި އޭރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އާއި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެ ދެ މިނިސްޓްރީގެ އިސްވެރިން ހިމެނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައިވާއިރު މި ފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރި ހަރަދު ވަނީ މީގެ ކުރީ 2 ފަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ކުޑަ ކުރެވިފައި ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާދު ދީފައިވެއެވެ.

އެގޮތުން 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް 4.17 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށާއި 2021 ވަނަ އަހަރު ރައީސް ޞާލިޙް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 5.34 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން