ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ޓީމުގެ ބޭފުޅުންނާއި ރައީސް ޔާމިނާ ބައްދަލު ކުރެވޭނެ އިންތިޒާމު މިއަދު ހަމަޖައްސައިދީފައިވާކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރުމުގެ އިންތިޒާމް މިއަދު 2:00 އަށް ހަމަޖައްސާފައިވާކަމަށެވެ. ކޯވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުން ރަށްރަށަށް އަރާ ފޭބުމުގައި ވަކި ޚާއްސަ ހުއްދަތަކެއް ނަގަންޖެހޭކަަމަށާއި އެގޮތުން ޔާމީންގެ ޤާނޫނީ ޓީމަށް ރަށަށް އެރޭނެ އިންތިޒާމު ހަމަޖައްސައިދީ މާފުށި ކައުންސިލުން ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.

ތަކުރާރުކޮށް އެތައްފަހަރެއްގެ މަތީން ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި އާއިލާއިންނާއި، ގާނޫނީ ޓީމުން ރައީސް ޔަމީނާއި ބައްދަލުކުރަން އެދުނު ނަމަވެސް އެފުރުސަތު ކަރެކްޝަނުން ދީފައެއް ނުވެއެވެ. އަދި މާފުށްޓަށް ލޯޔަރުންގެ ޓީމު ލޯންޗުގައި ގޮސް ފަޅުތެރޭގައި އޮތުމަށްފަހު ބައްދަލު ނުކޮށް ދިނުމުން އަނބުރާ މާލެ އައިސްފައިވެސް ވެއެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީންގެ އާއިލާއިން ބުނެފައިވަނީ ޤާނޫނު އަސާސީން ލިބިދޭ އެތައް ހައްގަކުން ރައީސް ޔާމީން މަހުރޫމުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީން، ޢާއިލާގެ ފަރާތުން ނެރުއްވި ބަޔާނުގައި، ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކުން ރައީސް ޔާމީން މަހުރޫމުކޮށްގެން އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓައިލުމަށާއި، އެމަނިކުފާނުގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލާފައި ވެއެވެ.

އަދި ހައިކޯޓާއި ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުތަކާވެސް ޚިލާފަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ އަސާސީ ޙައްޤުން ރައީސް ޔާމީން މަހުރޫމުކޮށްފައިވާ ކަމުގައި ޢާއިލާއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހައިކޯޓާއި ކުރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒުކުރަންޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ކަމަށާއި، އެއިދާރާގެ ބަލަދުވެރިޔަކީ ހޯމް މިނިސްޓްރީ ކަމަށް ޢާއިލާއިން ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދޭ ކަމަށް ވަކީލުން ބުނުމުން ވަޒީރު އިމްރާން ވިދާޅުވެފައިވަނީ ވަކީލުން އެކަމަށް ބޭނުން ނުވަނީ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ޚާއްޞަކޮށްގެން ފަތާ ފެންގަނޑެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ވަޒީރު އިމްރާނު ދެއްކެވި ވާހަކަ އަކީވެސް އިތުރުފުޅެއް ކަމަށް ވަކީލުން ބުނެފައި ވެއެވެ. ވަކީލުން ވިދާޅުވީ ރައީސް ޔާމިން އެފަދަ ކަމަކަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު