ގައުމު ބަނގުރޫޓުވޭތޯ އިދިކޮޅު ފަރާތްތަކުން ދުއާކުރަމުންދާކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ގައުމުގެ އިގުތިސާދީ ހާލަތާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނިހާދު ފާޑުވިދާޅުވެއްޖެއެވެ.

ނިހާދު މިއަދު އެކްސްގައި ވިދާޅުވީ، ސަރުކާރަށް އިތުރު ގޮތެއް ނެތް ކަމަށާއި ފައިސާ ޗާޕްކުރާނެ އޭ ބުނަން ކެރެނީ ގައުމާއި ރައްޔިތުން ވައްޓާލާފައިވާ އަނދަވަޅުގެ ފުންމިން އެ ފަރާތްތަކަށް އެނގޭތީ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދުޢާ ކުރަމުން ގެންދަނީ ގައުމު ބަނގްރޫޓް ވުމަށް އެދި ކަމަށާއި އިރާދަކުރެއްވިއްޔާ ރައްޔިތުން ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތް ކުރާނީ ހިކުމަތްތެރި ކަމާއިއެކު ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދު މިހެން ވިދާޅުވެފައި މިވަނީ މި ސަރުކާރަށް އެއްވެސް ގޮތެއް ނެތިގެން އަދި ފައިސާ ޗާޕު ކުރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީރު ރޭ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާއި ގުޅޭގޮތުން އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުން ސަރުކާރުން އާޖެންޓް ރީފޯމްތަކެއް ގެންނަންޖެހޭ ކަމަށް ތަކުރާރުކޮށް އަންގަމުންދާ ކަމަށާއި، އެ ރީފޯމްތައް ގެނައުމުގެ ގާބިލްކަން މި ސަރުކާރުގެ ނެތް ކަމަށެވެ.

އަދި ވިދާޅުވީ މިސަރުކާރަށް 11 މަސް ވެގެންދިޔައިރު، ހަރުދަނާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ބަޖެޓް ސަޕޯޓަށް ހިލޭ އެހީގެ ގޮތުގައި ބޭރުގެ އެއްވެސް ގައުމަކުން ފައިސާ ނުލިބޭ ކަމަށާއި ފައިސާ ޕްރިންޓް ކުރުން ނޫން ގޮތެއް ނެތް ކަމަށާއި، އެމަސައްކަތް މި ސަރުކާރުން ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން