ރާއްޖެ އަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް ރައީސް މުޢިއްޒު މިއަދު ވަނީ ކަމާ ގުޅުންހުރި މުވައްސަސާތަކަށް އަންގަަވާފައެވެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ބަންޑާރަ ނައިބު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތް މި ހަފުތާގައި ކުރައްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ވޭޕް މަނާކުރުމާއި ގުޅޭގޮތުން އެކްސްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެމަނިކުފާނު ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން