މ. ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ދެއްކި ބައެއް ވާހަކަތަކަކީ އެންމެ ރަނގަޅަށް ގެނެސްދެވުނު ވާހަކަތަކެއް ނޫން ކަމަށް ގަބޫލުކޮށް ފުލުހުންގެ މުއައްސާސާއިން މައާފަށް އެދިއްޖެއެެވެ.

ފުލުހުން މިރޭނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެހައި ތަފުސީލުކޮށް މައުލޫމާތު ހިއްސާކުރީ ވިފާގުގެ މަރާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް މީޑިއާއަކުން ގެނެސްދިނުމުން ކަމަށެވެ. އެހެން ނަމަވެސް އެ މައުލޫމާތުތައް ހިއްސާކުރީ އެންމެ ރަނގަޅު ގޮތުގައި ނޫންކަން ގަބޫލުކުރާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

"އެ މީޑިއާ ބްރީފިން ކުރިއަށް ގެންދިޔުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން މި ޚިދުމަތުގެ ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހައި ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ވިފާގުގެ މަރާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގުއާ ގުޅޭ ޒާތީ ވަރަށް ބައިވަރު މައުލޫމާތު ފުލުހުން އާންމުކޮށްފައެވެ. އެކަމަށް އާންމުންގެ ފަރާތުން ފާޑުކިޔުން އަމާޒުވުމުން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއައްސަސާއިން އާންމުކުރި މައުލޫމާތުތަކަކީ ވިފާގުގެ އާއިލާއަށް އެނގިގެން ހިއްސާކުރި މައުލޫމާތުތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން