ފަތުރުވެރިކަމާއި ގުޅޭ ޓެކްސްތައް ބޮޑުކޮށްފިނަމަ ރާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ. އެމްޑީޕީން މިރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ފަތުރުވެރިކަމާ ގުޅޭ ޓެކްސްތައް ބޮޑުކުރުމަކީ ހަމަ ވިސްނުމުގައި ހުރެ ކުރާވަރު ކަމެއް ނޫންކަމަށެވެ. އަދި އެކަންކޮށްފިނަމަ ރާއްޖޭގެ އިގްތިޞާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ ޓެކްސް ބޮޑުކުރީ އެމްޑީޕީ ސަރުކާރުގައި ފަތުރުވެރިކަމާއި ގުޅޭ ޓެކްސް 14 ޕަސަންޓުން 16 ޕަސަންޓަށް ބޮޑުކުރި ކަމަށާއި އޭރު އެކަން ކުރީ ވަރލްޑް ބޭންކުން ލަފާ ދީފައި އޮތުމުންނާއި ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. ފައްޔާޒު ވިދާޅުވީ ކުރެވޭ ކަމެއްގެ ސަބަބުން ރަނގަޅަށް ކުރިއަށްދާ ހަމައެކަނި ސިނާއަތް ވެސް ހަލާކުވާނެކަމާ ދޭތެރޭ ވިސްނާ ފިކުރުކުރުމުގެ ގާބިލުކަން ވެސް ސަރުކާރުގެ ނެތީކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ވާދަކުރާ ގައުމުތަކުގައި ފަތުރުވެރިކަން ބާރު ސްޕީޑުގައި ކުރިއަރަމުންދާ ކަމަށާއި އެގައުމުތަކުގައި ޓެކްސްތައް ކުޑަވުމަކީ ރާއްޖެއަށް އޮތް ގޮންޖެހުމެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމާ ގުޅޭ ޓެކްސްތައް ބޮޑުކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ރިޒޯޓުތަކަށް ފައިދާއެއް ނުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެެވެ.

އަދި ފަތުރުވެރިއެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް ހުށައަޅާފައެވެ. އަދި، މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން