ރާއްޖޭގައި ވޭޕް މަނާ ކުރަން ނިންމެވީ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކުރުމަށް ވޭޕްގެ އާލާތްތައް ބޭނުންކުރުން އިތުރުވެ، އެކަމުގައި ކަންބޮޑުވުން އޮތުމުން ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގައި ވޭަޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންަގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މިހާރު ވަނީ އަންގަވާފައެެވެ.

އެގޮތަށް ނިންމެވި ސަބަބު ހާމަކުރަށްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ އިންސްޓަގްރާމް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގައި ވޭޕް ރެގިއުލޭޓް ކުރެވިފައިނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މީހުންނަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް، ހާއްސާކޮށް ކުޑަކުދިންނަށް ކުރިމަތިވާ ސިއްހީ ނުރައްކާތަކުގެ ވާހަކަތައް ދައްކާތާ އަހަރުތަކެއް ވެފައިވާ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހަ ލައްކައަށް ވުރެ ގިނަ ވޭޕް އާލާތްތައް ރާއްޖެއަށް އެތެރެކޮށްފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކުރުމަށް ވޭޕް ޑިވައިސްތައް ބޭނުންކުރުން އިތުރުވެ، އެކަމުގައި ކަންބޮޑުވުން ބޮޑު ކަަމަށެެވެ.

އެމަނިކުފާނު ވިދާޅުވީ, ވޭޕް ކޮންޓްރޯލް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުން އަންނާނެ ކަމެއް ކަމަށެވެ. ޒުވާން ޖީލުތައް މިފަދަ ނުރައްކަލުގެ ޝިކާރައަކަށްވެ، އޯވަޑޯޒް ކޭސްތައް އިތުރުވަމުންދާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މުސްތަގުބަލުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ، ދުޅަހެޔޮ މުޖުތަމައެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން