ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ނެގި ވާހަކައަކީ ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވީ ސަރުކާރުން 7،000 އަށް ވުރެ ގިނަ ވަޒީފާ ދީފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން މިއަދު ޝާއިއުކުރި ޚަބަރަކާއި ގުޅިގެންނެެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވީ އެއީ ބުހުތާނު ދޮގު ޚަބަރެެއް ކަމަށާއި ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީން ހާމަކޮށްފައިވާ ހިސާބުތަކުން ހާމަވާ ކަމަށް ހީނާ ވިދާޅުވި އެވެ.



ހީނާ ވިދާޅުވީ މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސް މުއިއްޒު މިއަދު ވަނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސިޔާސީ މަގާމުތަކުން 228 މުވައްޒަފަކު ވަކިކުރަން ނިންމަވާފައިވާ ކަން އިއުލާންކޮށްފަ އެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެކި ވުޒާރާތަކުން ޖުމްލަ 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން