ވޭޕް އަދި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ދިވެހި ޒުވާނުން ބަލައިގަންނަ ނިންމެވުމެއްކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ފޭސްބުކް ޕޭޖްގައި ކުރެއްވި ކުރު ވީޑިއޯ މެސެޖެއްގައެވެ.

އެ މެސެޖުގައި މިނިސްޓަރު ވިދާޅުވީ، ރައީސްގެ އެ ނިންމެވުމާއި ގުޅިގެން ޒުވާނުންގެ ވިސްނުން ހުރިގޮތް ބައްލަވާފައިވާކަމަށާއި ޖުމުލަކޮށް ޒުވާނުން ތިބީ މީގެ ސަބަބުން އަންނަން އޮތް ރަނގަޅާއިމެދު ހިތްހަމަޖެހިފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، 2019 ވަނަ އަހަރު އެޑިޔުކޭޝަން މިނިސްޓްރީއާއި ޑަބްލިއުއެޗްއޯ ގުޅިގެން ވަނީ ވޭޕް ނުވަތަ އީ ސިނގިރެޓާއި ގުޅޭގޮތުން ސާވޭއެއް ހަދާފައި ކަމަށާއި، އެ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި 13 އަހަރާއި 15 އަހަރާއި ދެމެދުގެ 17.1 އިންސައްތަ ދަރިވަރުން ވޭޕް ނުވަތަ އީ ސިނގިރެޓް ބޭނުން ކުރާ ކަމަށެވެ.

އެހެންކަމުން ގައުމުގެ މުސްތަގުބަލަށްޓަކައި ރައީސް ނިންމެވި ނިންމެވުމަކީ ހަރުދަނާ ހިތްވަރު ގަދަ ނިންމެވުމެއްކަމަށް މިނިސްޓަރު ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އަޑު އިވެނީ ސިނގިރޭޓް ކީއްވެހޭ މަނާ ނުކުރީ. އެހިސާބަށް ވެސް ދާނެ ﷲ އިރާދަކުރެއްވިއްޔާ! މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމެއްގެ ގޮތުގައި ހެދިދާނެ. ހެދޭނީ ރައީސް މުޢިއްޒު ފަދަ ހިތްވަރު ހުރި ވެރިން އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކުރެވިގެން." މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން