އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަބްދުލް ހަސީބު އިސްމާއިލްއާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަމެއް ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 24 އަށް ހަމަވެއެވެ.

އެހެންވެ އެ މަގާމަށް ހަސީބު އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އިރާދާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އީސީގެ ގާނޫނުގައިވާ ގޮތުގެ މަތީން ހަސީބު އީސީއަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން ހަސީބުއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ މިމަހުގެ 24ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މެއިލް ކޮށްގެން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުން މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ހަސީބު މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ. ހަސީބު ވަނީ 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް އައްޔަންކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އޭގެ ފަހުން މަގާމުން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު މަގާމުން ދުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން