އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން، އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން އަވަސް މަސައްކަތްތަކެއް ކުރަން ވެރިކަންކުރާ ޕިއެންސީން ގޮވާލައިފިއެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ ޖޫން މަހުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއްކަމަށެވެ.

އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ޤާނޫނު އިސްލާހު ކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް އެ ޕާޓީން އިލްތިމާސްކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.



ބަޔާނުގައި ބުނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ އަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ނިންމަވާފައިވާ އެ މުހިންމު ފިޔަވަޅަށް ޕީއެންސީން ފުރިހަމައަށް ތާއީދުކުރާކަމަށެވެ.

ޕީއެންސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރައީސްގެ ނިންމެވުމަށްފަހު ވެސް މަޖިލީހުގެ ކޮމެޓީގައި ޕާސްޕޯޓުގެ މައްސަލަ ކުރިއަށްދާ މިންވަރު ލަސްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ހާއްސަ ގޮތެއްގައި ސަރުކާރަށް ތާއީދުކުރާ ސްޕަރ މެޖޯރިޓީއެއް އޮވެ އެ މައްސަލަ ކޮމެޓީގައި މިހާ ގިނަ ދުވަހު އޮތުން ބަލައި ނުގަނެވޭނެކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން