ޔޫތް މިނިސްޓަރު  މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތް މިނިސްޓަރު މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްގެން ތަރައްގީ ކުރުމަށް އިކޮނޮމިކް ކައުންސިލުގެ ލަފަޔަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވަނީ ހާޒިރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މީގެ ކުރިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ދޫކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން އެގޮތަށް ބިން ދޫކޮށްފައި ނުވާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ބޭނުން ކުރުމުގެ ފުރުސަތު އެހެން ފަރާތްތަކަށް ނުލިބި، މާލޭގައި އުޅޭ ތަފާތު ކުށްތަކަށް އަރައިގަންނަ މީހުންނަށް އެފަދަ ބިންތައް ދޫކޮށްފައިވާ ކަމުގެ ކަންބޮޑުވުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު، ހުސެން ޝަހީމް ފާޅުކުރެއްވުމުން މިނިސްޓަރު މަހްލޫފް ވަނީ އެ ކަންބޮޑުވުން އޭނާގެ ވެސް އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން ނޫން ކަމަށާއި އެއީ މީގެ ކުރިން ހައުސިންގ މިނިސްޓްރީ އާއި ބައެއް ފަރާތްތަކާއި ދެމެދު ވެވުނު އެއްބަސްވުންތަކެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ މިގޮތަށް ބިންތައް ދޫކޮށްފައިވާ އިރު، އެގްރިމެންޓެއް ހެދި ބިން ދޫކޮށްފައިވާ ކަން ފެންނަން އޮތީ ދެ ފަރާތަކާއި އެކު ކަމަށާއި އެއްބައެއްގެ އަތުން ތަޅުދަނޑިއެއް ފެނިފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ކެބިނެޓަށް ކަރުދާހެއް ހުށައަޅައި މަޝްވަރާ ކުރެވެމުންދާ ގޮތަށް ބަލާ އިރު، ރަޖިސްޓަރ ކޮށްފައިވާ ޖަމިއްޔާ އަކަށް ނުވަތަ ކުލަބަކަށް އެތަންތަން ދޫކޮށްގެން އެތަންތަން ހިންގުމަށް ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެތަންތަން ދޫކުރާނީ ދައުލަތުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެތަންތަން ހިންގަން އެއްބަސްވާ ބަޔަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އެއްވެސް ކުޅިވަރު ޖަމިއްޔާއެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެފަދަ ކަމެއް އުޅޭކަމަށް ވާނަމަ ކޮމިޝަނަރު އޮފް ސްޕޯޓްސް ނުވަތަ ކުޅިވަރާބެހޭ މަޖިލީހުން އެކަންތައް ބަޔާންކޮށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކުޅިވަރުގެ ހުރިހާ އެސޯސިއޭޝަންތައް ވެސް ހިނގާނީ ޔޫތު މިނިސްޓްރީ އިން ހަމަޖައްސައިދޭ ފައިސާއިން ކަމަށާއި އެހެންނަމަވެސް މިނިސްޓްރީ އިން އެކަން ކުރާނީ އެކަމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ހޯދުމަށްފަހު ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު