މި ސަރުކާރުން ސިޔާސީ މަގާމު ދީފައިވާ މީހުންގެ އަދަދު ސިއްރުކޮށްފައި ބާއްވައިގެން ޓެކްސް ބޮޑުކުރުން އެއީ އިތުބާރު ހިފޭ ސިޔާސަތެއް ނޫންކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްއާއި ގުޅުވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ކުރިން 6 ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.



އެއާއި ގުޅުވައި ނިޒާރު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރުކުރުމަށްފަހު ޓެކްސް ބޮޑުކުރަން ނިންމުމަކީ އިތުބާރު ހިފޭނެ ސިޔާސަތެއްނޫން ކަމަށެވެ. އަދި ސިޔާސީ މަގާމުތައް މަދުކުރާނަމޭ ވިދާޅުވިޔަސް އެކަން ނުކުރެވޭނެކަމީ ހާމަކަން ބޮޑު ހަގީގަތެއް ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

"ސިއްރުވެރި ހަމަތަކުން ގައުމު ހިންގުމަކީ ގައުމު ހަލާކުވެދާނެ ކަމެއް. އަދި ފެންނަނީ ކުރިމަގު އަދިރިކޮށް" ނިޒާރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން ދެކޮޅުހަދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ސިޔާސީ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމަވާފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރިއަށް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެކަން ރައީސް މިހާރު ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން