މާލެ ސަރަހައްދުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ހަތަރު މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ތިނަދޫ، ތަންގަލް، ހަސަން ލޫތު އާއި، ހުޅުމާލެ، ފްލެޓް 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފާއި، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް އެވެ.

ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ މި ހަތަރު މީހުން އުމުރަށް ޖަލަށް ލުމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.

މި މީހުންގެ މައްޗަށް ދައުލަތުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާވެސް ކޮށްފަ އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވާ ލޫތު ހައްޔަރުކޮށްފައިވަނީ މާލެ، ގ. ނީ އިންނެވެ. ފުލުހުން އެތަން ބަލައި ފާސްކުރުމުގެ ތެރެއިން 33.196 ގްރާމްގެ ޑައިމޯފިން އާއި އޭނާ ދިރިއުޅޭ ކޮޓަރިން 1،466،000 ރުފިޔާ ހޯދާފައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ ހަސަން ރަޝީދު ހައްޔަރުކޮށްފައިވަނީ މއ. ހަނީސަކްލް އިންނެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރެއިން ވާތް ފަރާތު ޖީބުން ފުލުހުން ވަނީ 14.6735 ގްރާމްގެ ޑައިމޯފިން ހޯދާފަ އެވެ.

އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ މ. ރޭއަލިވާގޭގައި ހިންގާ "ރޭއަލި" ގެސްޓްހައުސްގެ ތެރެއިންނެވެ. ގެސްޓްހައުސްގައި އެމީހުން ތިބި 402 ނަންބަރު ކޮޓަރި ތެރެއިން 6.5882 ގްރާމް ޑައިމޯފިންއާއި، 76،675 ރުފިޔާ ހޯދާފައިވެ އެވެ.

ހަތަރު މީހުން ދިރިއުޅުނު ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވާ ފައިސާ އެމީހުންނަށް ލިބިފައިވަނީ ކިހިނެއްތޯ ސުވާލުކުރުމުން އެ ފައިސާ ހޯދި ގޮތް އެ މީހުން ބުނެދީފައި ނުވާ ކަމަށް ކޯޓުގެ ހުކުމްގައިވެ އެވެ.

ކޯޓުން ވަނީ ލޫތުގެ ކޮޓަރިން ފެނުނު 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ގެސްޓްހައުސް ތެރެއިން ފެނުނު 76،675 ރުފިޔާއަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމުގައި ކަނޑައަޅާފަ އެވެ. އަދި އެ ފައިސާ ދައުލަތަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން