އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ހެދުން ވަރަށް މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް މިއަދު ފެށި ގައުމީ ސިމްޕޯޒިއަމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން. އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުން ރަނގަޅު. އަވަހަށް ހޯދޭ ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ،" ސާޖިދާ ވިދާޅުވި އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހުން އިތުރުވެފައިވާތީ މިއީ އަންހެނުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އުރަމަތީގެ ކެންސަރު އޭގެ ކުރީކޮޅުގައި ފަރުވާކޮށްގެން ރަނގަޅުވީ ނަމަވެސް އެކަމުގެ ސަބަބުން އަންހެނުން ތަހައްމަލް ކުރާ އުނދަގޫތައް ގިނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުން އިތުރުވެފައިވާތީ ހާއްސަކޮށް މިވައްތަރުގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ކެންސަރު ހުރިތޯ ވީހާވެސް އަވަސް އަވަހަށް ބަލައި ބަލީގެ ކުރީކޮޅު ފަރުވާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ. 


އައިޖީއެމްއެޗްގައި ތްރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ނުގޮސް އެކަން ކޮށްލެވެން ހުރުމަކީވެސް ފަސޭހައެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކީމޯތެރަޕީގެ ހިދުމަތްވެސް މިއަދު ރާއްޖެ އިން ލިބެން ހުރިކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސްއާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމާއި ބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މައުލޫމާތުދީ މަޝްވަރާކުރުމެވެ. އަދި މީގެ ކުރިންވެސް މިފަދަ ހަތަރު ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން