ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އޭ.އައިގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިރޭބުނީ އެ މާސްޓަރ ޕްލޭންގައި އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެއާއެކު އޭ.އައި ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް އެކުލަވާލުމާއި މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައްވެސް ބަލާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި މާސްޓަރޕްލޭން އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މި ހިނގާ އޮކްޓޫބަރު މަހުގެ 16 ވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

އަދި މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން މަޢޫލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން