ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ޚާއްޞަ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަން ސަރުކާރުން ނިއްމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ މިރޭ ބޭއްވި 2024 ސްޕޯޓްސް އެވޯޑްސް ހަފުލާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

މިހަފުލާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވީ އެ އިންޝުއަރެންސް ސްކީމަކީ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފަށާ ސްކީމެއް ކަމަށެވެ. އަދި އެ ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ފޮނުވާފައިވާ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ރާފިއު ވިދާޅުވީ ކުޅުންތެރިންނަށް މުބާރާތްތަކުގައި ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ލިބޭނެ ނިޒާމެއް މިއަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ ކުރިއަށްދިޔުމަށް ހިތްވަރުދިނުމަކީ މިސަރުކާރުން މުހިންމު އިސްކަމެއްދެއްވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ މިސަރުކާރުން ކުޅިވަރު ކުރިއެރުމަށް މިހާތަނަށް 255 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް އެކަނި 255 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާއިރު މިއީ ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުޅިވަރު ތަރައްގީ ކުރުމަށް ސަރުކާރުން ކުރެއްވި ބޮޑު ހޭދައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ރާއްޖޭގައި ބައިނަލްއަގްވާމީ 9 މުބާރާތެއް ބާއްވާފައިވާކަމަށާއި އަދި އިތުރު 2 މުބާރާތް މިއަހަރު ބާއްވަން ތާވަލްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ ނޮވެންބަރު މަހުން ފެށިގެން މިހާތަނަށް ބައިނަލްއަގުއާމީ 74 ކުޅިވަރެއްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.

"މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމްތަކުން ބައިނަލްއަގްވާމީ މައިދާނުގައި ވަނީ 22 މެޑަލް ހޯދާފައި. މީގެ ތެރޭގައި 9 ރަން މެޑަލް، 9 ރިހި މެޑަލް އަދި 4 ލޯ މެޑަލް ހިމެނޭ." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން