ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުވާލަން މަސައްކަތް ކުރާތީ އެކަމާ ދެކޮޅަށް ތެދުވެ ޕާޓީ މެންބަރުން އިހުތިޖާޖު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފޮރޮންޓް (ޕީއެންއެފް) ގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޕީޕީއެމް އުވާލަން މަސައްކަތް ކުރަމުންދާ ކަމަަށެވެ. އަދި ގައުމު ދެކެ ލޯބިވަންޏާ ޕީޕީއެމް އުވާލުމާ ދެކޮޅަށް މެންބަރުން ތެދުވެ އިހުތިޖާޖްކުރަންޖެހޭ ކަމަށް ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބަރުން އެކަމާ މެދު ވިސްނަންޖެހޭ ކަމަށާއި، މިއަދަކީ އެ މެންބަރުންގެ މިސްރާބު ބަދަލު ކުރަންޖެހޭ ދުވަސް ކަމަށެވެ. ގައުމު ދެކެ ލޯބިވެ، އަޅުވެތިކަމުން ގައުމު ސަލާމަތްކޮށް، ގައުމުގެ އިސްތިގްލާލާއި ފުރިހަމަ ސިޔާދަތު ދިވެހިރާއްޖެއަށް އޮންނަން ބޭނުންވާ ކަމަށާއި މިސަރުކާރާއެކު ކުރިއަށް ގެންގޮސް އެކަން ހާސިލްނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކިބައިން ފެނިގެން ދަނީ ގައުމަށް ޣައްދާރުވުމުގެ އެންމެ މަތީ ސިފަ ކަމަށާއި، އެ ކުށުން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ބަރީއަނުވާ ކަމަށެވެ. އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައްކާލަން ސަރުކާރަށް އަދިވެސް ނުކެރޭ ކަމަށް ވިދާޅުވެ ޔާމިން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ރައީސް މުޢިއްޒު ރައްޔިތުންނަށް ފުރަތަމަ ވެވަަޑައިގެންނެވި ވައުދުތަކާ ވެސް މިހާރު ހުންނެވީ ޚިލާފުވެފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޕީޕިއެމް އުވާލަން އުޅޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ އެފަދަ މަޝްވަރާއެއް މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި ނުކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން