ޖުވާކުޅުން އާންމުވަމުންދާތީ އެކަމުން ދަރިން ސަލާމަތްކުރުމަށް ބެލެނިވެރިން ސަމާލުވުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ޖުވާކުޅުމަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށާއި އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށް މީހާ ވެގެންދާ ކަމަށެވެ.

ހަަމަ އެހެންމެ ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި އާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވެ ނަފްސާނީ މައްސަލަތައް ކުރިމަތިވުމާއެކު އަމިއްލަ ފުރާނަ ވެސް ދުއްވައިލާކަން ފާހަގަކޮށްފައި ވެއެވެ.

ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލެ އެވެ.

މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވެފައިވާތީ މިއަދުގެ ހުތުބާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ވެސް މިހާރު ހުންނަ އިރު އެ ވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވަމުން ދިޔުމަކީ ހިތާމަވެރިކަމެއް ކަމަށް މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"މި ކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން