ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ މި އަހަރު ތެރޭ ރާއްޖެ ގެންނަން ތައްޔާރުވެފައިވާކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، ތޯރިގް އިބްރާހިމް ވިދާޅުވީ، އަޖުމަ ބެލުމުގެ ގޮތުން ބައިވަރު މަސައްކަތްތަކެއް ކުރެވެމުންދާއިރު، ސޯލާ ފެރީއެއް ބަނދެ ނިމިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ފެރީ މިހާރު ބަނދެ ނިމިފައިވާ ކަމަށާއި ފެރީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ ހަތަރު ރަށެއްގައި ސޯލާ އެސިސްޓެޑް ކޮމިއުނިޓީ އައިސްޕްލާންޓްގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަ ކުރައްވައި، ދެ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ. 100ކޭވީގެ ވައިން ހަކަތަ އުފައްދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތާއި، 25 ކޭވީގެ ކަނޑުގެ އޮއިން ކަރަންޓް އުފައްދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތާއި، ހަތަރު ރަށެއްގައި ދަނޑުވެރިކަމަށް ސޯލާ ބޭނުންކުރުމަށް އަޖުމަބެލުމަށް މަސައްކަތްތަައް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ވަޒީރު ވިދާޅުވީ މަގޭ ސޯލާ ޕްރޮގްރާމްގެ ތެރެއިން ވޭތުވެދިޔަ ނުވަ މަސް ތެރޭގައި 76 ރަށެއްގައި 21 އެމްވީގެ ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދިހަ މެގަވޯޓްއަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް އިންސްޓޯލްކޮށްފައިވާއިރު، ގްރިޑް އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، އެނާޖީ މެނޭޖްމެންޓް ސިސްޓަމްގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން އަންނަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހަކަތަ އުފެއްދުމަށް ގިނަ ކަންކަން ޒަމާނާއި އެއްގޮތަށް ކުރަމުންކަން ފާހަގަ ކުރެވެއެވެ. މީގެ މިދިޔަ ސަރުކާރުން ވެސް މިފަދަ ސޯލާ ހަކަތައިގެ މަޝްރޫއުތަކެއް ހިންގާފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން ސޯލާ ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމެއް ފެނަކައާ ހަވާލުކޮށްގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ ހިންގާފައެވެ. މީގެ އިތުރުން ވެސް މިފަދަ އެތައް މަޝްރޫއެއް އެ ސަރުކާރުން ވަނީ ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން