ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭތީ، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގެނައި ބަދަލާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މިމައްސަލާގައި ބަހުސް ކުރުމަށް މަޖިލީހުން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 30 މެމްބަރުންގެ ވޯޓުންނެވެ. ނަޝީދުގެ ކުއްލި މައްސަލާގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެބަލި ކޮންޓްރޯލްކުރުމަށްޓަކާ ސަރުކާރުގެ އިދާރާތަކުން މިހާތަނަށްވެސް ގިނަގުނަ ކަންތައްތަކެއް ކޮށްފައިވާއިރު، ސަރުކާރުގެ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކުން އަމަލުކުރަމުން ގެންގޮސްފައިވަނީ މި ބަލީގެ ސީރިއަސްކަން ދެނެގަނެ، މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކަށް ތަބާވުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްކަމަށް ދެކިގެންކަމަށެވެ.

އަދި މާލެ ލޮކްޑައުންގައި ދިގު މުއްދަތެއްގައި އޮތްއިރުވެސް މާބޮޑެތި ޝަކުވާތަކެއް ކުރުމެއްނެތި ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުންމަތީ ރައްޔިތުން ގޭގައި ތިބުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް މި މުއްދަތުގައި ބަގުރޫޓްވެފަވާކަމަށް ކުއްލި މައްސަލައިގައި ވެއެވެ. މިކަމުގައި ވިޔަފާރިތަކަށް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް ސަރުކާރުން ބުނިނަމަވެސް، އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭ އެތަކެއް ބައިވަރު ކުންފުނިތައް މިހާރުވެސް އެބަހުރިކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

"ޑޮލަރު ގަންނަން ލިބޭ ރޭޓް އިންތިހާއަށް ބޮޑުވެ، ޑޮލަރު ލިބުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ގައުމުގެ އިގްތިސާދު ރަގަޅުކުރުމަށްޓަކައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، އިގްތިސާދު އިތުރަށް ހަލާކުވާނެފަދަ ކަންކަން ކުރަމުން ދިއުމަކީ މިވަގުތު ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެއް." ނަޝީދުގެ މައްސަލާގައި ބުނެފައިވެއެވެ.

މިކަން މިހެން އޮއްވާ ސަރުކާރުގެ ފަރާތުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ދަތިހާލެއްގައި ހިންގަމުންދާ އެތަކެއް ކުދި ވިޔަފާރިތަކެއް އިތުރަށް ބަގުރޫޓްވެ އެކަމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް މި މައްސަލާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން