ބޭރު ފައިސާ ބޭންކަށް މާރުނުކޮށް ރާއްޖޭގެ ބޭންކިން ނިޒާމް ކުރިއަރައިގެން ނުދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖެއަށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ވަންނަ ކަމަށެވެ. އެހެން ނަމަވެސް ޓެކްސްއާއި އެހެނިހެން ގޮތްގޮތުން މަރުކަޒީ ބޭންކާއި ހަމައަށް ލިބެނީ އެންމެ 23 އިންސައްތަ ޑޮލަރު ކަމަށް މުނައްވަރު ފާހަގަކުރެއްވިއެވެ.

ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ވަންނައިރު ރާއްޖޭގެ ބޭންކިން އިންޑަސްޓްރީއަށް ވަންނަނީ ގާތްގަނޑަކަށް 1.8 ބިލިއަން ނުވަތަ 2 ބިލިޔަން ޑޮލަރު ކަމަށެވެ. އެއާއެކު އާ ގަވާއިދާއެކު ބޭންކަށް ބޭރުފައިސާ މާރުކުރަން ފެށުމުން ބޭންކިން ނިޒާމު ކުރިއަރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކުގައި ފަތުރުވެރިކަމުގެ ސިނާޢާތުގެ ޑިމާންޑާއި އެއްވަރަށް ބޭރުފައިސާ ދޫކުރެވޭނެ ބާރެއް ނެތް ކަމަށެވެ. އެހެން ކަމުން ބޭރުގެ ބޭންކުތަކުން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރަން މަޖްބޫރުވެފައިވާކަަމަށް ގަވަރުނަރު ވަނީ ފާހަގަކުރަށްވާފައެވެ.

ގަވަރުނަރު އިތުރަަށް ވިދާޅުވީ، ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ނިޒާމުގެ ތެރެއަށް ނުވަދެ "ނުރަސްމީ ބާޒާރަށް" ދޫވާ އަދަދު މަދުކުރެއްވިއްޖެ ނަމަ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ކުރެވޭނެ ކަމަށެވެ. އަދި މިއީ ޤަވާއިދަށް ބަދަލުގެނައި އެއް ބޭނުން ކަން ގަވަރުނަރު ވަނީ ފާހަގަކުރަށްވާފައެވެ.

ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް އެކުލަވާލާ މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

އާ ގަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން